ނަފްސާނީ ބަލި ހުރިކަން ޖިސްމާނީ ގޮތުން ދެނެގަނެވޭނެތަ؟
ގިނަ މީހުން ބުނާ ގޮތުގައި މީހެއްގެ ގައިގާ ނަފްސާނީ ބަލި ނުވަތަ "ޑިޕްރެޝަން" ހުރިކަން ދެނެ ނުގަނެވޭ އެންމެ ބޮޑު އެއް ސަބަބަކީ، އެބަލި ހުރިކަން އެނގޭނެ އެއްވެސް އަލާމާތެއް ނުފެނުމެވެ. ބައެއް ފަހަރު، އެމީހެއްގެ ވަރަށް ގާތް މީހަކީ ނަފްސާނީ ބަލި ހުރި މީހެއްކަން ނޭނގި ކުރެވޭ ކުޑަ ކަމަކުން ވެސް އެބަލި ބޮޑުވާން ދިމާވެއެވެ.
ކަމަކާއި ހިތާމަކޮށް ދެރަވުމާއި، ނަފްސާނީ ބަލި ހުރުމަކީ ތަފާތު ދެ ކަމެކެވެ.ނަފްސާނީ ބަލި ހުންނަ މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެކިއެކި ގެއްލުންތަކާއި ކުރިމަތިވެއެވެ.
މިބަލި ހުންނަ މީހުން ދުވަހުން ދުވަހަށް އިތުރު ވެފައިވާއިރު، ދުނިޔޭގެ ނިސްބަތަށް ބެލިކަމުގައިވީ ނަމަވެސް 350 މިލިއަނެއްހާ މީހުންނަށް ނަފްސާނީ ބަލި ޖެހިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.
ނަފްސާނީ ބަލި ހުންނަ މީހެއްނަމަ އެމީހަކީ އެކަނިވެރިއެއް ކަމަށް ދެކޭނެއެވެ. އަދި ކަންކަމާއިމެދު ފަސޭހައިން އުންމީދު ކަނޑާލާ، ދެރަވެ، މީގެ އިތުރުން އެއް އިރެއްގައި ކުރަން ވަރަށް ޝައުޤުވެރިކަން ބެހެއްޓި ކަންތައްތައް ވެސް ފަހުން ކުރަން ފޫހިވާނެއެވެ.
މިބަލި ޖެހިފައިވާ މީހުން ފާހަގަ ކުރެވިދާނެ ޖިސްމާނީ އަލާމާތްތަކެއް މިހާރު ވަނީ ފާހަގަ ކުރެވިފައެވެ.
▪︎ ބަރުދަން ލުއިވުން ނުވަތަ އިތުރުވުން
ނަފްސާނީ ބަލި ހުންނަ މީހެއްނަމަ، އާއްމުކޮށް އެމީހެއްގެ ކެއުމުގެ ކަންތައްތައް ބަހައްޓާ ގޮތަށް ބަދަލު އަންނަން ފަށާނެއެވެ. އެގޮތުން ބައެއް ފަހަރު މާގިނައިން ކާހިތް ވެދާނެއެވެ. ނޫންނަމަ ކުރިން ކާވަރަށްވުރެ މަދުން ވެސް ކައިފާނެއެވެ. މިއީ ޑިޕްރެޝަން ގެ ސަބަބުން، އެމީހެއްގެ ހޯމޯންސް އަށް ކުރާ އަސަރުތަކަކުން ދިމާވާ ކަމެކެވެ. ޖަރނަލް އޮފް ހެލްތު ސައިކޮލޮޖީ އިން 2008 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ނަފްސާނީ ބަލި ހުންނަ މީހުންނަށް ފަލަވުމުގެ ބަލި ނުވަތަ "އޮބޭސިޓީ" ޖެހުން ގާތެވެ. އަދި މިބަލި އާއްމުގޮތެއްގައި ޖެހިފައިވަނީ އަންހެނުންނަށް ކަމަށްވެސް އެރިޕޯޓްގައިވެއެވެ. އެހެންކަމުން ތިމާ މީހާގެ ނުވަތަ ތިމާ ދަންނަ މީހެއްގެ ބަރުދަނަށް ކުއްލިއަކަށް ބަދަލެއް އައިސްފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.
▪︎ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކުއްލި ތަދުތައް އެރުން
"ޕީއެލްއޯއެސް ވަން" ގައި 2014 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ނަފްސާނީ ބައްޔާއި ކަންކަމާއި ހާސްވުމުގެ ބަލި ނުވަތަ "އޭންޝައިޓީ" ހުންނަ މީހުންގެ ހަށިގަނޑަށް ކުއްލި ތަދުތަށް އަރާނެ ކަމަށާއި އަދި އޭގެ އިތުރުން ނޭވާލުމުގެ ދަތިކަމާއި ހިތުގެ އެކިއެކި މައްސަލަތައް ވެސް ދިމާވާނެ ކަމަށެވެ. މިސާލަކަށް މަސައްކަތް ކުރާ ވަގުތު ނުވަތަ ކުރިން ހިނގާ ބުންވަރުގައި ފަހުން ނުހިނގި ފަޔަށް ތަދުވުން ކަހަލަ ކަންތައް ދިމާވުމުން، ކަންކަމާއި އިތުރަށް ދެރަވެ ނަފްސާނީ ބަލި އިތުރުވާ ކަމަށް ވެސް އެރިޕޯޓުގައިވެއެވެ. އާއްމު ގޮތެއްގައި މިބަލިތައް ހުންނަ މީހުންނަށް އެންމެ ގިނައިން ދިމާވާ އެއްކަމަކީ ބުރަކަށީގައި ރިއްސުމެވެ.
▪︎ ބަނޑުގެ އެކިއެކި މައްސަލަތައް
ނަފްސާނީ ބަލި ހުންނަ މީހުންނަށް ބަނޑުގެ އެކިއެކި މައްސަލަތަކާއި ކުރިމަތިވާނެ އެވެ. އެގޮތުން ކުއްލިއަކަށް ބަނޑު ފުއްޕުމާއި ބަނޑަށް ކުއްލި ތަދު އެރުން ކަހަލަ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން ޑިޕްރެޝަން އާއި ކުރިމަތިވެފައިވާ ގިނަ މީހުން، ޗޮކޮލެޓްފަދަ ފޮނި އެއްޗެހި ކާން ފޯރި ހުރުމަކީ ވެސް ފާހަގަ ކުރެވޭ ކަމެކެވެ. މިކަމަކީ ގޮހޮރުގައި ހުންނަ ގޯސް ބެކްޓީރިއާ އިތުރު ކުރުވާ، ބަނޑުގެ އެކި މައްސަލަތައް ޖެހުން ވެސް އިތުރު ކުރުވާ ކަމެކެވެ.
▪︎ ނިދަން އުނދަގޫވުން
ކަންކަމާއި ވިސްނާ ފިކުރު ކުރާނަމަ، ދިމާވާ އެންމެ އާއްމު އެއް ކަމަކީ ނިދަން އުނދަގޫވުމެވެ. މިކަމަކީވެސް ޑިޕްރެޝަން ހުރުމުގެ އަލާމާތެކެވެ. އަރާމު ނިންޖެއް ނުލިބި ގިނަ ދުވަސްތަކެއް ވާނަމަ، އެމީހަކީ މާބޮޑަށް ކަންތައްތަކާއި ވިސްނާ ފިކުރުކުރާ މީހަކަށް ވެގެންދާނެއެވެ.
▪︎ މޭގައި ރިއްސުން
މޭގައި ރިއްސުމަކީ ވެސް އާއްމުގޮތެއްގައި ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިއީ ވެސް ނަފްސާނީ ބަލި ހުރުމުގެ އެއް އަލާމާތެވެ. މިކަން މެދުވެރިވާ އެއްސަބަބަކީ މާބޮޑަށް ކަންތައްތަކާއި ވިސްނާ ފިކުރު ކުރުމުގެ ސަބަބުން ކޮރޮނަރީ އާޓްރީއަށް ގެއްލުން ލިބުން ކަމަށް 2011 ވަނަ އަހަރު ސައިކޯފިޒިއޮލޮޖީ ގެ ރިޕޯޓެއްގައި ޝާއިއު ކޮށްފައިވެއެވެ. އެހެންކަމުން، މޭގައި އަބަދުމެ މާބޮޑަށް ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.