ޚަބަރު

ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިއުމަށް އެ ޤައުމުން އަންގައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން ރާއްޖެ ދޫކޮށް އެނބުރި ޤައުމަށް ދިއުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފިއެވެ.

Ads by STELCO

މިގޮތަށް އަންގާ އިޒްރޭލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރު ވަމުން އަންނަ ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ތިބި އެ ޤައުމުގެ ރައްޔިތުން ރާއްޖެ ދޫކޮށް އެނބުރި ޤައުމަށް ދިއުމަށް އަންގާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާތީ، ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ ސަރުކާރަށް އުނދަގޫ ވާނެކަން ވެސް އެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ވެސް އިޒްރޭލްގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ނައުމަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައެވެ.

ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު ފެށި ހަނގުރާމަ ދިގުލައިގެން ގޮސް ހަތަރުމަހެއް ހާ ދުވަސްވާން ކައިރިވެފައި ވާއިރު ހަމަލާތަކުގައި ފަލަސްތީނުން ވަނީ އެތައް ބަޔަކު ޝަހީދުވެ، ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގައި އަންނަނީ ބޮޑެތި ހިނގާލުންތައް ބާއްވަމުންނެވެ.

މީގެ އިތުރުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދައި ދިނުމަށް ރާއްޖޭގެ އާންމު ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ.

  1. ދޮށީބޭ

    އަލްޙަމްދުލިﷲ އަސްކަރީ ގޮތުން ދުނިޔޭގެ އެންމެބަލިކަށި ގައުމަކީ ދިވެހިރާއްޖެ.އެކަމަކު ދުނިޔޭގެ އެންމެގަދަފަދަ މިލިޓްރީ ބާރު،އިޒްރޭލް ދިވެހިންދެކެ ބިރުގަނެއްޖެ.ﷲގެކުޅަދުންވަންތަކަންދެކެބަލަ…ހުސްއަތާތިބި ދިވެހިންދެކެބިރުން ނުބައިނުލަފާ ޔަހޫދީން ގޮތްހުސްވީ…ލާއިލާހައިއްލަﷲ ވަﷲއަކްބަރު….