ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލަށް، މުސާރަ ބޮޑުކުރުމާއި ދެކޮޅު: އާޒިމް

ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލަށް ކަމަށާއި، މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމާއި ދެކޮޅު ކަމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެކްސްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެ ޕާޓީގެ މަޖިލިސް މެމްބަރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މިފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.