ޚަބަރު ސަރުކާރު

މިންތީގެ ހަމަހަމަ ކަަމަށް ބާރު އެޅުމަށް "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފު ކުރަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރުފު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by MWSC

ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިޤްތިޞާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރު ވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަ ކަމަށް ބާރުއެޅުމުގެ ގޮތުން ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޒާމެކެވެ.

އެގޮތުން، މަސައްކަތްތައް ބައްޓަން ކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލު ކުރުމަށް ހިތްވަރު ދިނުމަށާއި، މިންތީގެ ހަމަހަމަ ކަމަށް ވަކާލަތުކޮށް ކާމިޔާބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަން ކުރުމަށް މި ނިޝާން ދެވިގެންދާނެއެވެ.

މި ނިޝާން ތަޢާރަފު ކުރެވުމާއެކު ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަ ކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވި، ދިވެހިރާއްޖެއިން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާ ގުޅޭގޮތުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޤައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (2026–2022) ގެ ދަށުން ދިވެހިރާއްޖޭގައި އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމް ކުރުމަށް ކުރާ މަސައްކަތް އެއްހަމަ ކުރެވޭނެއެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތަކުގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެއެވެ.

އޭގެ ތެރޭގައި، އިދާރާއަށް މުވައްޒަފުން ޢައްޔަނު ކުރުމުގައި ޖެންޑަރ ނިއުޓްރަލް އުސޫލެއް ގެންގުޅުމާއި، މިންތީގެ ތަފާތު ކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ޙައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޖެންޑަރ ރެސްޕޮންސިވް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުމުގެ އިތުރުން ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަ ކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން ހިމެނެއެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި 'ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރުން' ވަނީ ހިމަނުއްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި، ޕްރިންސިޕަލް ސެކްރެޓަރަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މި ނިޝާން ތަޢާރުފު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މިހާރު ކުރިއަށްގެންދަވާ ކަމުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!