ސްކޫލު ބަންދާ ގުޅިގެން އޮޑި ދޯނި ފަހަރު ބަލައި ފާސްކުރަން ފަށައިފި
ސްކޫލު ބަންދު އަދި މި ފެށޭ އާ އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރު ކުރާނެތީއާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލާ ފާސްކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
ހަމަ އެހެންމެ ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒު ކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން، ރައްޔިތުން ހަވާލުކުރާ މުދާ ރައްކާތެރިކަމާއެކު އެތަކެތި ގެންދަންޖެހޭ މަންޒިލާ ހަމައަށް ގެންދިއުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުން ކޮންމެހެން މުހިއްމުކަންވެސް މި ހަރަކާތުގެ ތެރެއިން ފާހަގަކޮށް، އުޅަނދުތަކަށް ޕަސެންޖަރުން އަރުވާފައި ވަނީ އެކަށީގެންވާ އަދަދަކަށްތޯ ވެސް މި ހަރަކާތުގެ ތެރެއިން ބަލަމުން ދާނެއެވެ.
އޮޑިދޯނިފަހަރާއި ބޯޓުތަކަށް މުދާ ބަރުކޮށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރަމުން ގެންދާނެއެވެ.
I just like the helpful information you provide in your articles