އިދިކޮޅު ހަރަކާތުގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވި މައްސަލަ ބަލަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި ކަމަށްބުނެ، އެމައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެސާރވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިއަދު ހިންގި މިހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ ގިނަ ޒުވާނުންތަކެއް ބައިވެރިވެފައިވާއިރު، ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންކަން ފާހަގަވެއެވެ. ނަމަވެސް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށާއި، އެކަކު އަނެކަކާއި މަދުވެގެން ތިން ފޫޓު ދުރުމިން ބެހެއްޓުމަށް ވެސް އަންގާފައިވެއެވެ.