ޚަބަރު

ނައިބު ރައީސްގެ މޮންޓަނޭގްރޯގެ ދަތުރުުފުޅަށް ހޭދަވނީ ހަ ލައްކައެއްހާ ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޮންޓެނީގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުގެ ތަފުސީލު ސަރުކާރުން އިސްވެ ހާމަކޮށްފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 23 އިން 27 އަށް ނައިބު ރައީސް މޮންޓެނީގްރޯއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދަށް ހޭދަވީ ޖުމްލަ 589,736.65 ރުފިޔާއެވެ.

ނައިބު ރައީސާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހިމެނިވަޑައިގަންނަވާހެން ޖުމްލަ ފަސް ބޭފުޅުން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަރަދުތަކުގެ ތަފުސީލު:

1. ބިޒްނަސް ކުލާސް ފަސް ޓިކެޓް - 492,746.10 ރުފިޔާ

2. ފަސް ބޭފުޅުންގެ ޕޮކެޓް މަނީ - 64,638 ރުފިޔާ

3. ފަސް ބޭފުޅުންގެ ފަރިއްކޮޅު ޚަރަދު (މޮންޓެނީގްރޯ) - 23,823.72 ރުފިޔާ

4. ފަސް ބޭފުޅުންގެ ފަރިއްކޮޅު ޚަރަދު (އިސްތަންބޫލް) - 7,895.07 ރުފިޔާ

5. ވިސާ ޚަރަދު 633.76 ރުފިޔާ

ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތައް ނިމޭތާ 15 ދުވަސްތެރޭގައި އެ ދަތުރުފުޅެއްގެ ޚަރަދުތަކުގެ ތަފުސީލު އާންމުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!