އަރަބިއްޔާގައި ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފި
އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މިކަންހާމަކޮށް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާގައި މިހާރު ހިނގާ ނިޒާމު ބަދަލު ކުރައްވާނެ ކަމަށެވެ.
މިގޮތުން ރާއްޖެއާ ގުޅިފައިވާ އެކިއެކި ޖަމިއްޔާތަކާއި ގައުމުތައް މެދުވެރިކޮށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން އެ ފަރާތްތަކާ ގުޅިގެން ތަމްރީނު ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ އުންމީދަކީ އަރަބި ބަހުން އެކިއެކި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން 3-4 އަހަރު ދުވަސްތެރޭގައި އެކަށީގެންވާ އަދަދަކަށް ތަމްރީނު ކުރެވޭނެ ކަމަށެވެ.
އެ މާއްދާތައް ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުން ވެގެންދާނީ އަރަބިއްޔާ ހިންގުމުގައި ވެސް އަދި ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމެއް ކަމަށް ޑރ. ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކޮންސެޕްޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ފުރަތަމަ 100 ދުވަސް ތެރޭ އަރަބިއްޔާގެ ބިންގާ އެޅުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.