އާބަންކޯގެ ނަން ދެން ބޭނުން ކުރާނީ އެޗްޑީސީގެ ދަށުން ހިންގާ "ސަބް ބްރޭޑިން" ނަމެއްގެ ގޮތުގައި: ފަޒުލް

އާބަންކޯގެ ނަން ދެން ބޭނުން ކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުން ހިންގާ "ސަބް ބްރޭޑިން" ނަމެއްގެ ގޮތުގައި ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުއްވެއްޖެއެވެ.
ފަޒުލް މިހެން ވިދާޅުވީ އެޗްޑީސީ ރީބްރޭންޑްކޮށް، ކުރީ ސަރުކާރުން އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ"ގެ ބަދަލުގައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން ރަސްމީކޮށް ފެށިކަން އިއުލާނު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފަޒުލް ވިދާޅުވީ ރީ ބްރޭންޑް ކުރުމަށްފަހު، އާބަން ޑިޒައިނިން އަށް ދެން ބޭނުން ކުރާނީ އެއީ ސަބް ބްރޭންޑިންއެއްގެ ގޮތުގައި ކަމަށެވެ.
ހަމަ އެހެންމެ ފަޒުލް ފާހަގަކުރެއްވި ގޮތުގައި އާބަންކޯ ވިޔަސް، ކުޑަގިރި ވިޔަސް، ސްމާޓް ސިޓީ ވިޔަސް، މައި ހުޅުމާލެ ވިޔަސް، މިއީ އެޗްޑީސީގެ ސަބް ބްރޭންޑްތަކެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.
މިގޮތުން އެޗްޑީސީއަކީ ވިޔަފާރިވެރިންނާއި އާންމުރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންގެ މައި މަރުކަޒު ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެޗްޑީސީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، މައްސޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރުމަށް ފަޒުލް ވަނީ އެދިވަޑައިގެންފައެވެ.