ޚަބަރު

މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މާފުށީ ޖަލުގައި މި އަހަރުތެރޭ ޤާއިމް ކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މި މަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފީޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އިއްޔެ ފަށާފައިވާ ކަަމަށެވެ.

ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައި ވަނީ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުން ކަމަށް ކަރެކްޝަނަލް ސާވިސްއިން ހާމަކުރެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މި ވޯކްޝޮޕަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެ ކަމަށާއި ކަސަބު ގެތުން ދަސްކުރުމަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ތަޢާރަފްކޮށްދީފައި ވެއެވެ.

މީގެ އިތުރުން ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމް ކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް  ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ ޕްރޮގްރާމް ތަކުގެ މަޤްސަދަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއް ކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ. މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދާ ވޯކްޝޮޕްތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!