ޚަބަރު

ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށް ހުޅުވާލައިފިއެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުއްވި އިއުލާނުގައި ވިދާޅުވީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ހިމެނޭކަމަށެވެ. އަދި ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ މީހާގެ އުމުރުފުރާ ބަލާނީ 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް އިއުލާންގައިވެއެވެ.

މީގެއިތުރުން ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެކަމަށްވެސް އިއުލާންގައިވެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާއި އަދި ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެކަމަށްވެސް އިއުލާންގައިވެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު 2024 ފެބްރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައި މިވަނީ ދިވެހި އަސްކަރިއްޔާ ތަރައްޤީކޮށް، ކުރިއެރުވުމުގެ މަސައްކަތްތައް ސަރުކާރުން ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ސިފައިންގެ މުސާރަވެސް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!