އިންޑިއާގެ ކަންބޮޑުވުންތަކާ ގުޅިގެން ލަންކާގައި ބަދަރު ކުރަން ފުރުސަތު ނުދިން ޗައިނާގެ ރިސާރޗް ވެސެލް ޝިއަންގް ޔަންގް ހޮންގް 3 މާލޭގައި އެއްޗެއް ކަހަލަ ރިސާޗެއް ނުހަދާނެ ކަމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަަމަވެސް މިއިން އެއްކުރެވޭ މައުލޫމާތު އަސްކަރީ ބޭނުމަށް ބޭނުން ކުރެވިދާނެތީ, އިންޑިއާއިން ވަނީ މިކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. މިއަހަރު ފެށުނުކޮޅު މި އުޅަނދުވަނީ ލަންކާގައި ބަދަރުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އިންޑިއާގެ ޕްރެޝަރާހެދި އުޅަނދު ލަންކާގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަނުން ވެސް އެ ޤައުމުން މަނާ ކުރިއެވެ.
ރާއްޖޭގައި މި އުޅަނދު ބަދަރުކުރަން އުޅޭ ކަމަށް އަޑު ފެތުރުމާއެކު އިންޑިއާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި އުޅަނދު ބަނދަރު ކުރުމާ ގުޅޭގޮތުން މީޑިއާ ރިޕޯޓްތަކާ ގުޅޭގޮތުން، ޚާރިޖީ ވުޒާރާއިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ޗައިނާ ސަރުކާރުން ރާއްޖޭގެ ސަރުކާރަށް ރަސްމީކޮށް ޗައިނާގެ އުޅަނދެއް ބަދަރުކޮށްދޭން އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބަދަރުކުރުމަށް ހުއްދަ ދީފައިވަނީ ފަޅުވެރިން ބަދަލު ކުރުމާއި އަސާސީ ބައެއް ތަކެތި ހޯދުމަށެވެ.
އަދި ދިވެހި ކަނޑުގެ ސަރަހައްދުގައި އޮއްވާ އެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ މަންޒިލެއް ކަމަށާއި، ސުލްހަވެރި ބޭނުމަކަށް ބަނދަރަށް ދަތުރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތައް ވެސް މި ގައުމުގައި ހޯސްޓް ކުރަމުން އަންނަ ކަމަށެވެ.
އަދި މިފަދަ ބަނދަރުކުރުންތަކުގެ ސަބަބުން ރާއްޖޭއާއި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރުވެގެން ދިއުމާއިއެކު، އެކުވެރި ޤައުމުތަކުގެ އުޅަނދުތަކަށް ރާއްޖޭގެ ރައްޔިތުން މަރުޙަބާ ކިޔުމުގައި އޮތް ސަޤާފަތްވެސް ދިރުވައިދޭ ކަމަެވެ.
ރާއްޖެއިން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތައްކަމަށާއި، މިފަދަ ހުރިހާ މައްސަލަތަކެއްގައި ކަމާބެހޭ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތައް ހިފަހައްޓައިގެން ކަމަށްވެސް އެ ނޫސް ބަޔާނުގައި ވަނީ ބުނެފައިއެވެ.