މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ދުލުގެ މިނިވަންކަން މި ސަރުކާރުން ނިގުޅައިގަންނާނެ: ފައްޔާޒު

މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ދުލުގެ މިނިވަންކަން މި ސަރުކާރުން ނިގުޅައިގަންނާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީން ޑިމޮކްރެޓްސްއާއެކު މަޖިލިސްގައި މަސައްކަތް ކުރާނެކަން އިއުލާން ކުރަން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.
މީޑިއާގެ މިނިވަންކަމާމެދު ކަންބޮޑުވުން އެބައޮތްކަމަށް ފާހަގަކޮށް ފައްޔާޒު ވިދާޅުވީ, މި ސަރުކާރުން ބައެއް ނޫސް ވެބްސައިޓުތައް ބްލޮކް ކުރުމަށްފަހު އެ ނިންމުން ބަދަލުކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ކަމަށެވެ.
ނަމަވެސް މި ފަހަރު މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ދުލުގެ މިނިވަންކަން މި ސަރުކާރުން ނިގުޅައި ގަންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ނުބައި ސިގްނަލެއް ލިބެމުން ދަނީ، ކުރިޔަށް އޮތްތަނުގައި މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށްވާނަމަ މީޑިއާގެ މިނިވަންކަމާއި ފްރީޑަމް އޮފް ސްޕީޗަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ, މިއަދުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އޮޅުވާލާ ހަގީގަތެއް ނެތް މަންޒަރުތަކެއް ދައްކައިގެން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭ ޚާރިޖީ ސިޔާސަތުތައް ޒަމާނުއްސުރެ ގެންގުޅެފައި ވަނީ ދުނިޔޭގެ ހުރިހާ ގައުމަކާއި ގުޅުން ބާއްވައިގެން އަވައްޓެރި ޤައުމުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް މިދިޔަ ދޮޅު މަހެއްގެ ތެރޭގައި މުޅި އެ ގުޅުން އެއްކޮށް ހަރާބުވެގެން ގޮސްފައިވާކަމަށް ފައްޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
މިގޮތުން ރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މިއަދު ރާއްޖޭގެ މިނިވަންކަމާއި މެދުވެސް ކަންބޮޑުވުންތައް އެބައޮތް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒޫ ކަލޭމެނަށް ނމަޖިލިސް ދިނީމަ ފެނުނީ މިގައުމު އަޅުވެތިކޮށް އެއްޖިންސުން ގުޅުން ހިންގުމާއި ހުރިހާ ނުބައިކަމެއް ދިރުވާ އާލާކުރުން