ޚަބަރު

ޕީޖީއަށް ދިން ހަމަލާ ކުށްވެރިކޮށް, ދައުލަތުގެ ހިދުމަތްތެރިން ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި

އައިކާ ޔުނާން ، ދެން އޮންލައިން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

Ads by MWSC

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިނިސްޓަރު އިބްރާހިމް ހަލީލް ދެންމެ ވިދާޅުވީ, މިފަދަ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

އަދި ދައުލަތުގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް, އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކައުތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ." ހަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ,

ޝަމީމަށް އަވަސް ފަރުވާއަކަށް އެދި, ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

މަރުތޭލަކުން ޝަމީމްގެ ގެ ކައިރިން އޭނާއަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ. އަތުގައި ޕްލާސްޓަރު އެޅުމަށް ފަހު ޝަމީމް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޕީޖީ އަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!