ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަންނަ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން، އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމަށް މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

Ads by Hajj Corporation

އީސީން މިކަން ހާމަކޮށްފައި ވަނީ މަޖިލިސް އިންތިޚާބުގައި އެ ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދައުލަތުގެ 5 މުއައްސަސާއަކާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބުއެވެ.

އެގޮތުން ޙަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު އިތުރު ނުކުރައްވާނެ ކަމަށާއި މި މުއްދަތަށް ސަމާލުވުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިސޯޓުތަކާއި، ޖަލުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން ރަޖިސްޓްރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮތްތަނަށް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.

މިގޮތުން އީ-ފާސް ބޭނުންކޮށްގެންވެސް ރީ-ރަޖިސްޓަރވެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ އޮންލައިންކޮށް ފޯމު ހުށަހަޅަން ދަތިވާ ފަރާތްތަކުން އިންތިޚާބާ ބެހޭ މައި މަރުކަޒަށް ދިއުމުން އެފަރާތްތަކަށް އީސީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން، 1414އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!