އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބުން ރަނގަޅެއް ނޫން: އީވާ
އެއްވެސް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބުމަކީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ލިބޭނެ ކަމަށް ލަފާކުރެވެނީ ކޮން ޕާޓީއަކަށްތޯ ރާއްޖެ ޓިވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި ސުވާލުކުރުމުން އީވާ ވިދާޅުވީ، މަޖިލީހުގެ ތަޖުރިބާއިން ހާމަވި އެއް ކަމަކީ އެއްވެސް ޕާޓީއަކަށް މާ ބޮޑު މެޖޯރިޓީ ލިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގެ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.
''.. އެއްވެސް ބަޔަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުމަކީ އެއްވެސް މީހަކަށް ރަނގަޅު ގޮތެއް ނޫންކަން އެބަ ފެނޭ'' އިވާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީން ސަރުކާރަށް އެކި ގޮތް ގޮތުން 'ޖެއްސުން' ކުރަމުން ދިޔަކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު އޭރު އިދިކޮޅު, އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ފުރުސަތު ނުދޭ ކަމަށް ވިދާޅުވިއެވެ.
''.. އޭރުގައި އަޅުގަނޑުމެން އިިދިކޮޅު ބައެއްގެ ގޮތުގައި އޮތްއިރު އަޅުގަނޑުމެންނަށް ވަޒީރަކުވެސް ހާޒިރުނުކުރެވޭ'' އީވާ ވިދާޅުވިއެވެ. އެމްޑީޕީން ދަ ޑިމޮކްރެޓްސްއަށް ޕާޓީއަށް ބަދަލުވެވަޑައިގެންނެވި އީވާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، އެ ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެމެ ސަރުކާރު ފާރާވެރިވެ ސަރުކާރުން ކޮށްފައިވާ ''ވައްކަން'' ބެލުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
''ރައްޔިތުންގެ މަޖިލީހުން އެ މަސައްކަތް ކުރަން އުޅެގެން އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަކަ ނުދިން . މިސާލަކަށް ވެންޓިލޭޓަރު ވައްކަން ހަމަ ކޮމިޓީން ބުނީ ނުބެލެޔޭ'' އީވާ ވިދާޅުވި އޭރު އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީއޮވެ ޖެއްސުން ކުރުމަކީވެސް އެންމެ ރަނގަޅު ނޫން ކަމަށެވެ. ހަމައެއާއެކު ސަރުކާރުގެ މެޖޯރިޓީ އޮވެ ޖަވާބުދާރީ ކުރުމުގެ ފުރުސަތު ގެއްލުވާލުމުންވެސް ރައްޔިތުންނަށް ހިދުމަތެއް ނުކުރެވޭ ކަމަށެވެ.