ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފިއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް އާންމު ފަރާތަކުން ވަނީ ހުށަހަޅާފައެވެ.
މި މައްސަލައާއި ގުޅިގެން ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ކަމަށެވެ.
އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
މިއާއެކު ސިވިލް ކޯޓުގައި ބަލަމުން އަންނަ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.