ޚަބަރު ސަރުކާރު

މަގުތަކުގައި ބާވެފައި ހުރި ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މަގުތަކުގައި ހުރި ވެހިކަލް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ވަނީ ފަށާފައި

ގަވާއިދާ ހިލާފަށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ޓޯކޮށް ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by MWSC

އެއްގަމު އުޅަނދުފަަހަރުގެ ސަބަބުން މަގުތައް ތޮއްޖެހިފައިވާ މައްސަލަ ހައްލު ހޯދުމާ ބެހޭ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ، ސިޓީ ކައުންސިލާއި، ހޯމް މިނިސްޓްރީ، ފުލުހުންގެ އިދާރާ، އެމްޓީސީސީ، އެޗްޑީސީގެ އިތުރުން ވެމްކޯ ގުޅިގެންނެވެ.

ޓްރާންސްޕޯޓުން މައުލޫމާތު ދީފައިވާ ގޮތުން އަންނަ މާޗު މަހުުގެ ހަތަރަކާއި ހަމަޔަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި އަމިއްލަ އަށް އެދިގެން އުޅަނދުތައް ނައްތާލުމުގެ ފުރުސަތު އޮންނާނެއެވެ. އެކަމަށް ހާއްސަކޮށް މިނިސްޓްރީން ވަނީ ހާއްސަ އެޕްލިކޭޝަން ފޯމެއްވެސް ތައާރަފުކޮށްފައެވެ.

އުޅަނދުތައް ނަގަން ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެއަށް ފަހު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު އެ ތަކެތި ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން އާބަން ޑީކޮމްޕޮޒިޝަން މެނޭޖްމެންޓު ކޮމިޓީ އެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމިޓީން ވަނީ އުޅަނދުތައް ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!