ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުކޮށް، އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ފެށީ ސާބިތު ކަމާއިއެކު ކަމަށާއި އެހެންކަމުން އެކަމަށް ޝައްކުކޮށްގެން ނުވާނެ ކަމަށެވެ.
އަދި މިހާރު ހުރި ހިސާބަށް އާދެވުނީ ރައީސް ޔާމީންގެ މަތިވެރި ގުރުބާނީން ކަމަށާއި އެމަނިކުފާނުގެ އިސްތިއުނާފު މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ. އަބަދު މިވެރިކަމެއް އަދި މިޙާލަތުވެސް ނޯންނާނެ. މިއަދު ރައީސް ޔާމީނަށް އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ. މިސަރުކާރުގެ އަނިޔާވެރިކަމަށް ބޯލަނބާނެ ގޮތެއް ނޯންނާނެ. ހުސްގޮނޑި، އެވައުދުތައް ހަނދާން ކޮށްދޭނަން" ޖަމީލް ވިދާޅުވިއެވެ.
ޔާމީންގެ މައްސަލައާއި ގުޅިގެން ޑރ. ޖަމީލް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެކްސްގައި ދާދި ފަހުން ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ވެރިޔެއްގެ އެންމެ އަސާސީ ސިފައަކީ އިތުބާރު ކަމަށާއި ރައީސް މުއިއްޒު ވައުދުވާން ވަރަށް ފަރިތަ ކަމަށެވެ. ހަމައެއާއެކު އެވައުދު ހަނދާނުން ފޮހެލަންވެސް ފަރިތަ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެންމެފުރަތަމަ ވީ ވަޢުދަކީ ރައީސް ޔާމީން މިނިވަންކުރުން ކަމަށާއި މިއަދު އެވައުދު ވެސް ގެއްލިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އެންމެ ބޮޑަށް އަނިޔާ ކުރަނީ ޑރ ޖަމީލް.