ނ. މާޅެންދުއާއި މިލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ދެ ރަށުގައި ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ.
މާޅެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މާޅެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ހަސަންއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަަކަ ފުޅުގައި، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މިލަދޫ ކައުންސިލުގެ ރައީސް އަބްދުލް މަޖީދު މުހައްމަދުއެވެ.
މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ކުށްމަދު އަމާން، ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށަކަށް މިލަދޫ ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާ ފަދައިން ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއިމާލުން ގުރުބާންވަމުންދާ ބައެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ދިވެހިރާއްޖެއަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ހަދައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުންކަމަށް ވެސް ވިދާޅުވިއެވެ.
މާޅެންދޫ އަދި މިލަދޫ ޕޮލިސް ޕޮލިސް ޕޯސޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށް މާޅެންދުއާއި މިލަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.