ޚަބަރު ސަރުކާރު

ތިނަދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންވެސްޓަރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް: މުއްޠަލިބު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގދ. ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރަނީ ސީދާ އިންވެސްޓަރު ހުރިހާ ޚަރަދެއް ކުރާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު  ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުއްޠަލިބު މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ގދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ ތިނަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި މި މަަޝްރޫޢުގެ ފަހުމުނާމާގައި ސޮއި ކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢު އަކީ ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށާއި މި މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރަނީ ސީދާ އިންވެސްޓަރު ކަމަށެވެ.

މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި ގދ. އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް މުހިންމު ވެގެން ދަނީ އެއީ މާލެ އާއި ދުރުގައި އޮތް ތަަނަކަށް ވުމާއެކު އެތަނަށް ފަތުރުވެރިން ގެނައުމަކީވެސް މުހިންމު ކަމަށް ވާތީއެވެ.

ހަމަ އެހެންމެ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިއުމަކީ އެ އަތޮޅު ވަރަށް ބޮޑަށް ތަރައްޤީވެގެން ދާނެ ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މިއީ ހުވަދު އަތޮޅަށް ލިބިގެންދާނެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު ކަމަށާއި މިއާއެކު ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް ވަކިން ހިނގާ ޓޫރިޒަމް ސަރަހައްދަކަށް ވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހުށައަޅާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމާއި، ގދ. އަތޮޅުގައި ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުން ހިމެނެއެވެެ. މަޝްރޫޢުގެ ކޮންޓްރެކްޓަރ ވަނީ 12 ރިސޯޓެއް ތަރައްޤީ ކުރަން ހުށަހަޅާފައި ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ތިނަދޫ ފަޅުގައި ތަރައްޤީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދަން ހަވާލު ކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. މިގޮތުން 400 އާއި 600 މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޖިރާޓް ޕެތްނުންތަވޮންގްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!