ޚަބަރު ސިޔާސީ

އިންތިޚާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ ޝަރީޢަތް ލަސްވަނީ ނުފޫޒު ފޯރުވައިގެން: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިޚާބުތަކާ ދިމާކޮށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ޝަރީޢަތް ލަސްވަނީ ނުފޫޒު ފޯރުވައިގެން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ތެރޭގައި ހިމެނޭ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި، ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި، ޤާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބައެއް ކަމަށެވެ.

އަދި މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ ތަފާތު ކުރުމެއް ނެތި، ފިއްތުމަކަށް ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ނިންމުން ކަމަށާއި އިންތިޚާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ކޯޓުތަކުން ލަސްވާތަން ފެންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވާނަމަ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަންވެސް ފެންނިގެން ގޮސްފައިވާ ކަމަށާއި މިދެންނެވުނު ކަންކަމަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދު ޤާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ޤަބޫލެއް ނުކުރާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!