ޚަބަރު

ރައީސް ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަަތުރުފުޅު ނިންމަވާލައްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ބައްދަލުކުރެއްވުންތައް ބޭއްވެވުމުގެ އިތުރުން ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އައްޑޫ ސިޓީގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީއަށް ވަޑައިގެން، ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވިއެވެ. ހަމަ އެހެންމެ، ގދ އަދި ގއ ގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

އައްޑޫ ސިޓީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓުކަމުގައިވާ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކުރެއްވީ މި ދަތުރުފުޅުގެ ތެރެއިންނެވެ. އަދި ރައީސް ވަނީ ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން، ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީވެސް މިދަތުރުފުޅުގެ ތެރެއިންނެވެ. އަދި ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީވެސް މިދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!