މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 522 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އެކަން ހާމަކުރެއްވީ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަރުކާރަށް ފައިސާ ޗާޕުކޮށްގެން ވެސް އެ ފައިސާ މަސްވެރިންނަށް ދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނޮވެންބަރު 17 އިން ފެށިގެން މިހާތަނަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާފައިވާ ކަމަށެވެ.
މިފްކޯއަށް ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލާގައި ގއ. ކޫއްޑޫގެ މަސްވެރިންތަކެއް ވަނީ ތިން ދުވަސް ވަންދެން މުޒާހަރާކޮށްފައެވެ. މަސައްކަތް ހުއްޓާލައި ކުރި މުޒާހާރާ ނިންމާލީ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރަން ފެށުމުންނެވެ. މިހާރު މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ ވަރަށް އަވަހަށް ދޫކޮށް ނިމޭނެއެވެ. ބާކީ ނުދެވި ހުރި 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށް ސަރުކާރުން ބުނެއެވެ.