އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑާސްއަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދިވެހި ސަރުކާރުން ދީފައިވާ ހުޅުވިފައިވާ ދައުވަތު އިއާދަކުރައްވައިފިއެވެ.
މި ދައުވަތު އިއާދަ ކުރައްވާފައި ވަނީ މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު ތަޤުރީރު ކުރައްވަމުންނެވެ.
އެކަމަނާގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ހަމަ އެހެންމެ މިންތީގެ ހަމަހަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުގައި ބައިވެރިކުރުން ފަދަ އިޖުތިމާއީ ކަންކަމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
އެކަމަނާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެނެއުމަށް ގޮވާލައްވައި 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގައި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަށް ގޮވާލައްވާފައެވެ.
ހަމަ އެހެންމެ އެ ކަމަނާގެ ތަޤުރީރުގައި ވަނީ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑާސްއަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދިވެހި ސަރުކާރުން ދީފައިވާ ހުޅުވިފައިވާ ދައުވަތު އިއާދަކުރައްވާފައެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން އެއްބަސްވެފައިވާ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔުތިންގެ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގައި މި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެ ކަމަނާގެ ތަޤުރީރުގައި އެރުއްވިއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަން ކުރިއަށް ދަނީ 26 ފެބްރުއަރީ އިން 5 އޭޕްރީލް 2024 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މެމްބަރެއް އަދި މަޖިލީހުގެ މަސައްކަތުގައި މަސްއޫލުވާ މެންބަރު ޤަޢުމެކެވެ.