ޚަބަރު

ތެޔޮ ވިއްކަން ކޮރަޕްޝަން ހިންގި އެމްޕީއެލާއި އެފްއެސްއެސްއެމްގެ މުވައްޒަފުންތަކަކަށް ދައުވާކުރަނީ 

ޙައްވާ އިނާޝާ ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ވިއްކުމުގައި ކޮރަޕްޝަން ހިންގި ތިން މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

ޕީޖީ އޮފީހުން ބުނީ، އެމްޕީއެލްގެ ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، އެފްއެސްއެމް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތައް ކުރުމަށް ކޯޓަށް ހުށަހެެޅީ އިއްޔެ ކަމަށެވެ.

ދައުވާކުރަން ފޮނުވާފައިވަނީ:

  1.  ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން - އެމްޕީއެލްގެ ޗީފް މެނޭޖާ
  2.  ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް - އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރު
  3. ސ. މަރަދޫ އާޒާދުގެ ހަސަން -  ދީދީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު

އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާއެވެ. ހަސަން ދީދީގެ މައްޗަށް ކޮށްފައި ވަނީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދިކަމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައި ވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ހިަޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައިކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!