އެމްޑީޕީން ތަކުރާރުކޮށް ބުނަނީ ސަރުކާރުން އިންތިޚާބަށް ނުފޫޒުފޯރުވަމުން އަންނަކަމަށް
ސަރުކާރުން އަންނަނީ ތަކުރާރުކޮށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މި ސަރުކާރުން އަންނަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.
"ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް ބިރު ދައްކާގައި ސަރުކާރުގެ ކެންޑީޑޭޓުންނަށް ކެމްޕޭނު ކުރުމަށް ބާރު އަޅަމުން ދަނީ"
އަދި ސަރުކާރުން ދަނީ އެކި ކުންފުނި ތަކުން މުވައްޒަފުންނަށް ޕްރޮމޯޝަންތައް ދެމުން ކަމަށްވެސް އީސާ ބުންޏެވެ.
ސަރުކާރުގެ ކެންޑީޑޭޓުންނަށް ކެމްޕޭނު ނުކޮށްދޭ ސަރުކާރުގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައިކަމަށާއި އެއްބައި މުވައްޒަފުން ވަނީ ވަގުތީ ގޮތުން މަހުގެ މުސާރާނުލިބޭގޮތައް ގެއަށް ފޮނުވާލާފައިކަމަށްވެސް އީސާ ވަނީ ހާމަކޮށްފައިއެވެ.
އީސާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ދަނީ ރަސްމީ ދަތުރުފުޅޭ ވިދާޅުވެ ކެމްޕޭނު ކުރުމަށް އެކި ރަށްރަށަށް ދަތުރުކުރަމުން ކަމަށެވެ.
އަދި މި ފަދަ އަމަލުތަކުން ދޭހަ ވަނީ ސަރުކާރުން އެބޭފުޅުންގެ މަގާމުތަކާއި ރައްޔިތުން އަދި ދައުލަތުގެ މުދަލާއި، ސަރުކާރުގެ ކުންފުނިތަކަށް ޚިޔާނަތްތެރިވަމުން އަންނަ މިންވަރު ކަމަށްވެސް އީސާ ވަނީ ފާހަގަކުރައްވާފައިއެވެ.
އީސާ ވަނީ ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އިސް ވެރިންގެ މައިގަނޑު މަގްސަދަކަށް ވާންވީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ވީހާވެސް އަވަހަށް ނިންމައިދޭން މަސައްކަތް ކުރުން ކަމަށެވެ.
އަދި މަސައްކަތް ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުގެ ވާހަކަފުޅު ދައްކަވާ އިތުރު ދޮގު ނުހެދުމަށްވެސް އީސާ ވަނީ އިލްތިމާސް ކުރައްވާފައިއެވެ.