ޚަބަރު

ރައީސަށް ގާނޫނީ ލަފާ ދިނުމުގައި އިސްކުރާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދިނުމުގައި އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅު ވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާ ގޮތަށް ގެނައި އިސްލާހު ގޯސްކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. އެކޯޓުން މިގޮތަށް ހުކުމް ކުރެއްވީ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައި މައްސަލައާ ގުޅިގެންނެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވިދާޅުވީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށާއި އެގޮތަށް އޮންނަނީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްގޮނޑި ތަމްސީލް ކުރައްވާ މެންބަރަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ތަމްސީލްކުރާ މަންދޫބެއް ކަމަށާއި ޖަލްސާއަށް އެ މެންބަރަކު ހާޒިރުވިޔަސް އަދި ނުވިޔަސް އެ ރައްޔިތުންގެ މަސްލަހަތު އޮންނާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއްވެސް ނެރުނެވެ. ނަމަވެސް އެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އުޝާމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ ޤާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނުއަސާސީއާ ހިލާފުކަމަށް ކަމަށާއި މިއަދު ސުޕްރީމް ކޯޓުންވެސް އެފަދައިން ނިންމާފައިވާ ކަމަށެވެ.

‏އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 5 ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

‏ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަގަޅުކަމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް އުޝާމް ވިދާޅުވިއެވެ. ރައީސްއަށް ގާނޫނީ ލަފާ ދިނުމުގައިވެސް އެކަންކަމަށް ބަލާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!