ޕާކިސްތާނުގައި ކުޑަކުދިންގެ ރޭޕް ކޭސްތައް ގިނަ
ސާހިލް އެކުލަވައިލި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 11 ކުއްޖަކަށް ގޯނާ ކޮށްފައިވާއިރު، އެ ޖަރީމާގައި ގިނައީ ދަންނަ މީހުންނާއި ގާތް ތިމާގެ މީހުންނެވެ. ނޭޝަނަލް ކޮމިޝަން ފޯ ހިއުމަން ރައިޓްސް (އެންސީއެޗްއާރު)ގެ އެހީތެރިކަމާއެކު މިދިޔަ ބުރާސްފަތި ދުވަހު އިފްތިތާހުކުރި ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ސާހިލްގެ ސިގްނޭޗާ ޕަބްލިކޭޝަން "ކްރޫއަލް ނަމްބަރުސް 2023" ގައި މި ތަފާސް ހިސާބުތައް ރިޕޯޓްކޮށްފައިވެ އެވެ.
އެގޮތުން 2023 ވަނަ އަހަރު ހަތަރު ޕްރޮވިންސްގެ އިތުރުން އިސްލާމްއާބާދު ކެޕިޓަލް ޓެރިޓަރީ (އައިސީޓީ)، އާޒާދު ޖައްމޫ އެންޑް ކަޝްމީރު (އޭޖޭކޭ) އަދި ގިލްގިޓް-ބަލްޓިސްތާން (ޖީބީ) އިން ވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 4،213 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ވަގަށް ނެގުމުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ ކުދިންގެ މައްސަލަތަކާއި ކުޑަކުދިންނާ ކައިވެނި ކުރުމުގެ މައްސަލަތައް ހިމެނެ އެވެ.
ޖެންޑާ ޑިވައިޑް އެނަލިސިސް އިން ދައްކާ ގޮތުގައި ރިޕޯޓުކުރި ކޭސްތަކުގެ ތެރެއިން 2251 (53 ޕަސެންޓް) މީހުންނަކީ އަންހެން ކުދިން ނާއި 1962 (47 ޕަސެންޓް) އަކީ ފިރިހެން ކުދިންނެވެ. ރިޕޯޓުކުރި އުމުރުން ދައްކާ ގޮތުގައި 6 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަނިޔާގެ ނުރައްކާ އެންމެ ބޮޑެވެ.
މީގެ އިތުރުން 0-5 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި އަދިވެސް އެންމެ ބޮޑަށް ބައިވެރިވަނީ ގާތް ތިމާގެ މީހުންނާއި އާއިލާގެ މީހުންނާއި ނުދަންނަ މީހުންނާއި އަންހެނުންނަށް ހިތްވަރުދޭ މީހުން ކަން އަނިޔާކުރާ މީހުންގެ ކެޓަގަރީން އެނގެ އެވެ.
ޖިއޮގްރަފިކަލް ޑިވައިޑް ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ރިޕޯޓްކޮށްފައިވާ 4،213 ކޭސްގެ ތެރެއިން ޕަންޖާބުން 75 ޕަސެންޓް ކޭސް، ސިންދުއިން 13 ޕަސެންޓް ކޭސް، އިސްލާމްއާބާދު ކެޕިޓަލް ޓެރިޓަރީއިން 7 ޕަސެންޓް ކޭސް، ޚައިބަރު ޕަޚްތޫންޚުވާ (ކޭޕީ) އިން 3 ޕަސެންޓް ކޭސް އަދި ބަލޫޗިސްތާން، އާޒާދު ޖައްމޫ އެންޑް ކަޝްމީރު (އޭޖޭކޭ) އަދި ގިލްގިޓް-ބަލްޓިސްތާން (ޖީބީ) އިން 2 ޕަސެންޓް ކޭސް ރިޕޯޓްކޮށްފައިވެ އެވެ.