ޚަބަރު ސަރުކާރު

މިދިޔަ ސަރުކާރުން އިންޑިއާ ކުންފުންޏަކަށް ދިން 3.6 މިލިއަން ރުފިޔާ ވީނުވީއެއް ނޭނގި “ގެއްލިއްޖެ”

ޙައްވާ އިނާޝާ ، ދެން އޮންލައިން

ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބެލެވޭތީ ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި މައްސަަލަ ފުލުުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށްފައި ވަނީ ހޯމް މިނިސްޓަރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އެ ޕްރެސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައެއްގެ ގޮތުގައި ފުލުސް ސްޓޭޝަންތައް އެޅުމަށް އެއްބަސްވި އެއްބަސްވުމުގެ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ޕްރެސްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ އެ މަސައްކަތުގެ ތަފުސީލުތައް ބަލަން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުތަކުގައި ބައްދަލުވާ ކައުންސިލުތަކުންނާއި ރައްޔިތުންގެ ފަރާތުން އެ ފުލުސް ސްޓޭޝަންތަކުގެ ޝަކުވާ އަންނާތީ ކަމަށެވެ.

އިހްސާން ވިދާޅުވީ ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް 41.18 މިލިއަން އެމެރިކާ ޑޮލަރުގެ މަޝަރޫއެއް ރާއްޖޭގައި ހިންގުމަށް އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން އޯގަސްޓު 26، 2019 ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

 

މިގޮތުން އެ ކުންފުންޏަށް ރާއްޖޭގައި އެ މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށް ދިވެހި ސަރުކާރުން އޭރު ފެހި ސިގުނަލެއް ދިނުމުން އެ ޕްރޮޖްކްޓުގެ 85 ޕަސެންޓު ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ކަމަށާއި ރާއްޖޭން ހަރަދު ކުރަންޖެހޭނީ ޕްރޮޖެކްޓުގެ 15 އިންސައްތަ ކަމަށް އެއްބަސްވެފައި އޮތްކަން ލިޔުންތަކުން ފެންނަން އެބަހުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަމަ އެހެންމެ 7 މާޗު 2023 ގައި ރާއްޖެއަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތަކެއް އެޅުމުގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި އޮތް ކުންފުންޏަށް ފުރަތަމަވެސް ފައިސާ ދިނީ ސަރުކާރުން ކަމަށް އިހްސާން ފާހަގަކުރައްވާފައި ވެއެވެ.

ހަމަ އެއާއެކު ދިވެހި ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ފަހުގައި ވެސް ފުލުސް ސްޓޭޝަންތައް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި އެކަން އެހެން އޮއްވައި އޭޕްރިލް 23، 2023 ގައި އެ ޕްރޮޖްކްޓު ހިންގުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭގޮތަށް ހަމަޖެހިފައި އޮތް ލޯނު ފައިސާ ނުދޭން މިހާރު ނިންމާފައިވާ ކަމަށް އެ ކުންފުނިން ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވީ "އަޅުގަނޑު މިއުޅެނީ އަދިއަދަށް ދާންދެން ވެސް މިދެންނެވި ކުންފުނި ހުރިތަނެއް ވެސް ކުންފުންޏާ ވާހަކަދައްކަންޖެހޭ މީހެއް ވެސް އެ ކުންފުނި ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާންޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،" ކަމަށެވެ.

މީގެ އިތުރުން އޯގަސްޓު 13، 2023 ގައި 61 ފުލުސް ސްޓޭޝަން އެޅުމަށް ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް އަންގާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށާއި 24 އޯގަސްޓު 2023 ގައި ކުރިން އެޑްވާންސަށް ދެވުނު ލާރިއަކީ މި ލިބުނު ހިލޭ އެހީގެ ދަށުން ލިބުނު އެހީގެ ގޮތުގައި ނިންމާ އޭގެން ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓަރީން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުޤީގު ކުރަމުން އަންނަ ކަން ހާމަކޮށްފައިވީ ނަމަވެސް މި މައްސަލައިގެ އިތުރު ތަފުސީލު ދީފައެއް ނުވެއެވެ. އަދި މި އަންނަ އާދީއްތަ ދުވަހު މި މައްސަލައިގެ ތަފްސީލް މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް މިއަދުގެ ޕްރެސްގައި ހާމަކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!