މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރަން އެދިއްޖެ
މާލޭގެ މަގުމަތީގައި އާންމު ފަރާތްތަކަށް އުނދަގޫވާ ގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށާއި މިގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައި ދެއްވުމަށް އެދޭ ކަމަށެވެ.
"މާލެ ސާފުތާހިރުކޮށް ބޭއްވޭނީ ހުރިހާ ރައްޔިތުން ގެ އެއްބާރުލުން ލިބިގެން" ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން މިފަދައިން ވިދާޅުވެފައިވާއިރު މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މި މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.