ޚަބަރު

އަބްދުއްރަހީމް ގޮވާލީ އަމިއްލަ ކެންޑިޑޭޓް ރިޔާޒަށް ވޯޓުދޭން!

. ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ތިމަރަފުށީ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ސަނާހު (ސަންޓޯ) ހުއްޓާ، އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ވޯޓު ދޭން އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

Ads by STELCO

ރޭ، މާލޭގައި ހުންނަ ރިޔާޒުގެ ކެމްޕޭނު ޖަހަގަ ހުޅުވުމުން ރަސްމިއްޔާތުގައި އަބްދުއްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގުގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ގ. ފިނިހިޔާވިއު ގައި ހުޅުވި އެ ޖަގަހާގައި، ރިޔާޒުގެ ފޮޓޯގެ އެއް ފަރާތުގައި ރައީސް ފޮޓޯފުޅު ޖަހާފައިވާ ޕޯސްޓަރެއްގެ ކުރިމަތީގައި ހުރި ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ރިޔާޒު އަކީ ސަރުކާރުގެ ކެންޑިޑޭޓެއް ފަދަ ގޮތަކަށް ފަހުމުވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ރިޔާޒު އަކީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.

'' ... ގައުމު އޮތް ހާލަތަށް ބަލާއިރު ދޮޅު އަހަރެއް ދެ އަހަރުގެ ހިދުމަތް މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރައީސް މި ގައުމަށް ކޮށްދެއްވައިފި އެހެންވީމަ އަހުމަދު ރިޔާޒު ހޮވަން މި ޖެހެނީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދެއްވުމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާ އެކީގައި އެއްބާރުލުން ދޭނެ މެމްބަރެއް ތިމަރަފުށީ ދާއިރާއިން މަޖިލީހަށް ފޮނުވާ ދިނުމަށްޓަކައި ހޮއްވަވައި ދެއްވަންވީ ރިޔާޒު'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ އަނިޔާވެރިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެކަމަކު މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އަނިޔާވެރިނުވާނެކަން ރައީސް ދައްކާފައިވާ ކަމަށެވެ.

ތިމަރަފުށީ ދާއިރާއަށް ސަންޓޯއާ ރިޔާޒު ހިމެނޭހެން ތިން ކެންޑިޑޭޓަކު ވާދަކުރެއެވެ. އެމްޑީޕީގެ ޓިކެޓުގައި ފަތުހުﷲ ޖަމީލް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ރިޔާޒުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ފާތިމަތު ޒިލްމާއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާޒަށް ވޯޓުދިނުމަށް އަބްދުއްރަހީމް ގޮވާލާފައިވާއިރު  ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކުރި ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއިދުކުރާ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ. ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ތާއިދު އޮތްކަމުގެ ޔަގީންކަން ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ދެއްވަމުންނެވެ.

ގއ ވިލިގިލި، ކ.ހުރާ، ޅ. ކުރެންދޫ އަދި އއ. މަތިވެރި ދާއިރާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ނޫން އެހެެން ކެނޑިޑެޓުންނަށް ސަރުކާރުން ތާއިދު އޮތްކަން ދަނީ ހާމަކުރަމުންނެވެ. މަތިވެރި އާއި ކުރެންދޫ އިން ސަރުކާރު ތާއިދުކުރަނީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު މެމްބަރުންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!