ޚަބަރު ސިޔާސީ

ހަމަލާދިނީ ނަރީޝް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އެމްޑީޕީ

ގއ، މާމެންދޫގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި ހަމަލާ ދިނީ މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

Ads by MWSC

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ދީދީގެ ކެމްޕެއިނަށް ގއ. މާމެންދުއަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާލާ ދީފައިވާ ކަމަށް މި ނޫހަށް ނަރީޝް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ނަރީޝް ވިދާޅުވީ އެ ރަށު ބަނދަރަށް ފޭބިތަނުން މީހަކު އައިސް ގޮށްމުށް ކަވާފައި ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދިން ކަމަށެވެ. އެކަމެއް ހިނގީ އެމްޑީޕީއާ ސަރުކާރުން ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ޕީއެންސީގެ ކެންޑިޑޭޓް، އިއްޔެ އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ބެނާ ތަކާއި ޕޯސްޓަރުތަކުގައި ޕީޕީއެމްގެ ކުލަ، ފިޔާތޮށި ކުލައިގެ ފޮތި އަޅައި އެ ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕެއިންއަށް ހުރަސްއެޅުމުގެ ގޮތުން އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

އެކަން  ކުށްވެރިކުރަމުން އެމްޑީޕީން ބުނީ އެއީ 'ނާތަހުޒީބު' ޑީމޮކްރަޓިކް އުސޫލުތަކާއި ހިލާފު އަމަލެއް ކަމަށެވެ. ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ އިސްވެރިންވެސް އެ ޕާޓީގެ ސަޕޯޓަރުންނަށް ހުރަސްއަޅަމުންދާ ކަމަށް، ގާތްގަނޑަކަށް ފަންސާސް ހާހެއްހާ ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީން ބުންޏެވެ.

އަދި ޑެޕިއުޓީ މޭޔަރުގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން ފުލުހުގައި އެދިފައިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ އެ އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!