މައްސަލަތައް ބެލި ވަރަކަށް ފެންނާނީ އަމާނާތްތެރިކަން: މޫކޭ
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަ ބެލިވަރަކަށް ފެންނާނީ ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ކޮށްދީފައިވާ ޚިދުމަތްތައް ކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ, މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އާރުޑީސީގެ ޚިޔާނާތުގެ މައްސަލައިގައި މިއަދު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވަނީ ފުލުހަށް ސުވާލު ކުރުމަށް ހާޒިރުކޮށްފައެވެ. ފައްޔާޒް ފުލުުހަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ހަރަކާތްތެރިވެފައެވެ.
އެ ސަރަހައްދުގައި ހުންނަވައިގެން މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މޫކޭ ވިދާޅުވީ, އާރުޑީސީގެ އެކައުންޓުން ކުރީ ސަރުކާރުގެ އެއްވެސް ފަރާތެއްގެ އެކައުންޓަށް ފައިސާއެއް ޖަމާވެފައިނުވާނެ ކަމަށެވެ. އަދި އެއީ "ބުހުތާން ދޮގު" ކަމަށް ވިިދާޅުވިއެވެ.
"އަޅުގަނޑުގެ އެކައުންޓަށް ވެސް, ފައްޔާޒްގެ އެކައުންޓަށް ވެސް އަދި ކުރީގެ ސަރުކާރުގެ އެއްވެސް ވެރިއެއްގެ އެކައުންޓަށް ވެސް އާރުޑީސީ ފައިސާއެއް ޖަމާވެފައެއް ނޯންނާނެ." މޫކޭ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ, އާރުޑީސީގެ ޚިޔާނާތުގެ މައްސަލައެއް ބަލަމުންދާއިރު އެތަނުގެ ވެރިޔަކަށް ހުރި މީހަކާ ސުވާލުކޮށްފައިނުވާ ކަމަށެވެ. އަދި ކަން ހިނގިގޮތް ސާފުވާނީ އެބީދައިން ކަންކުރުމުން ކަމަށާއި މިއީ ފުލުހުން ލައްވާ ސިޔާސީ މަންފާއެއް ހޯދަން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް މިއީ އަދިމާ މަޖާކަމެއް. އަޅުގަނޑު މިތަނަށް އައީމަވެސް ސުވާލެއް ނުކުރޭ. އަޅުގަނޑު މިއީ ހިންގަން ހުރި މީހާ. އަޅުގަނޑުގެ ޒިންމާގެ ދަށުން. އަޅުގަނޑަށް ފެންނަނީ ދައުލަތެއްގެ ސިފަ ނެއްޓި, އެކޮޅުކޮޅުން ބަޅުކޮށް ހިނގާ ވެރިކަމެއްގެ ގޮތުގައި މިވެރިކަން." މޫކޭ ވިދާޅުވިއެވެ.
"އާރުޑީސީން ވައްކަމެއް ކުރިއޭ ކިޔާފަ, އެމްޑީޕީގެ ޗެއަރޕާސަން, ފެނަކައިން ސައީދު ވައްކަމެއް ކުރިއޭ ކިޔާފަ, އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު. އެމްއޭސީއެލްއިން ވައްކަމެއް ކުރިއޭ ކިޔާފަ, ރައީސް ޞާލިޙް. އަޅުގަނޑުމެންނާ ނޫންތޯ ސުވާލު ކުރަންވީ. އޭރުން ނޫންތޯ އެއްޗެއް އޮޅުން ފިލާނީ. އަދިއެއް އެ ބޭފުޅުން, ދޮޅު އަހަރުވީ ތިޔަ ކަމެއްގައި އުޅޭތާ, އަދި އަޅުގަނޑާ ސުވާލެއް ނުކުރޭ."
މޫކޭ އިތުރަށް ވިދާޅުވީ, އާރުޑީސީގެ މައްސަލަ ބެލި ވަރަކަށް ފެންނާނީ އުސޫލުގެ ތެރެއިން ރައްޔިތުންގެ ލާބައާއި މަންފާއަށްކޮށްފައިހުރި ކަންކަން ކަމަށާއި, މައްސަލަތައް ބެލި ވަރަކަށް ފެންނާނީ އަމާނާތްތެރިކަން ކަމަށެވެ.