ޚަބަރު

އުމުރާވެރިން ގެންނަން ވަރަށް ބުރަ މަސައްކަތް އެބަކުރަން: އަލް-މަޝްއަރު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އުމްރާއަށް ދިޔަ ދިވެހިންތަކެއް

އަލްމަޝްއަރު ގްރޫޕުން އުމްރާއަށް ދިޔަ ދިވެހިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހަށް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން އެ ގްރޫޕުން ދީފިއެވެ.

Ads by STELCO

މަޝްއަރުގެ ހަވާލުގައި އުމުރާއަށް ދާން މިދިޔަ ހޯމަ ދުވަހު ފުރި މީހުންގެ ޓިކެޓަށްވާ ފައިސާ ދައްކަން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދިން ހަތަރު ޗެކްވެސް ވަނީ ބައުންސް ވެފައެވެ. އަދި އެ ޗެކުތަކަށްވާ ފައިސާގެ އެއްބައި އިއްޔެ ދައްކަން މަޝްއަރު ގްރޫޕަށް އެންގި ނަމަވެސް އެ ފައިސާ ލިބިފައިނުވާތީ, މަޝްއަރު ޓުއާސްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ ކުރާނެ ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން މަޝްއަރު ގްރޫޕުގެ ބަހެއް ހޯދާލަން އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓާ އަލީ ފާރިޝް "ދެން" އަށް ވިދާޅުވީ، ބައުންސްވީ ޗެކްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި ދިވެހިން އަނބުރާ ގެނެސްދިނުމަކީ އެ ގްރޫޕުގެ ޒިންމާއެއްކަމުން، ކުރިންވެސް ތާވަލްކުރެވިފައިވާ ފަދައިން އަންނަ މަހު 16 ވަނަ ދުވަހު އުމްރާވެރިންނަށް ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން އެ ގްރޫޕުން ދެއްވިއެވެ. އޭނާ ވިދާޅުވީ ފައިސާ ދައްކަން އަންނަ މަހުގެ ފަހަކާއި ޖެހެން މުއްދަތެއް ދިނުމަށް އެދިފައިވާ ކަމަށެވެ.

ބައުންސްވި ޗެކުތަކާއި ގުޅިގެން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެފައިވަނީ، ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި މީހުންގެ މަސްލަހަތަށް ބެލުމަށް ފަހު، ބައުންސްވި ޗެކުތަކަށް ފައިސާ ދެއްކުމަށް ފުރުސަތުތަކެއް ދެވިއްޖެ ކަމަށެވެ. ނަމަވެސް، އެ އަދިވެސް އެ ގްރޫޕުން ފައިސާ ދައްކާފައިނުވާތީ ކުންފުންޏަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ގްރޫޕުގެ މަސްއޫލުވެރިންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

މި ރޯދަ މަހު އެ ޓްރެވެލް އެޖެންސީން އުމްރާއަށް މީހުން ފޮނުވަން ފްލައިޓް ޗާޓަރު ކުރީ އިނާ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. އެ މީހުންގެ ހަވާލުގައި 50 މީހަކު އުމުރާގެ އަޅުކަމަށް ދިޔައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!