ޚަބަރު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވާން ޔާމީނަށް ހުއްދަ އެއް ނުދެން: ކަރެކްޝަންސް

އަލީ ސަމާޙް ، ދެން އޮންލައިން
ޔާމީން ހުޅުމާލޭގައި ކުރިއަށްދިޔަ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވަރިވެވަޑައިގެންނެވުމުގެ ހުއްދަ، ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައިނުވާނެ ކަމަށް ކަރެކްޝަންސްސް އިން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ފީއެންއެފުން ބުނީ އެ ޕާޓީ އުފައްދަން މާދަން ރޭ ބާއްވާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ޖަލްސާގައި ޔާމީން ބައިވެރިވުމުގެ ހުއްދަ އެ ޕާޓީން އޮތީ އެދިފައެވެ. ގިޔައްސުއްދީން ގައި އޮންނަ އެ ޖަލްސާ ފަށާނީ މާދަމާރޭ އަށެއް ޖަހާއިރުއެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޔާމީން، އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޔާމީން އަކީ ގޭބަންދުގައި ހުރި ބޭފުޅަކަށްވާތީވެ، ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވޭތޯ ސުވާލުކުރުމުން އޮފިޝަލަކު ވިދާޅުވީ ޖަލްސާގައި ބައިވެރިވާން އެދި ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

''އޮންލައިންކޮށްވެސް ޕިޒިކަލީކޮށްވެސް ބައިވެރިވުމުގެ ހުއްދައެއް ދީފައެއް ނުވާނެ'' ކަރެކްޝަނުން ބުންޏެވެ. އެކަމާއި ގުޅޭ ގޮތުން ޕީއެންއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ. ނަމަވެސް ޔާމީން ގެންދަަވަނީ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެހެންވެ ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!