ލާމުގެ ބޮޑު މަޝްރޫއު ލިޔުމަށް ތިރިވެއްޖެ، ދެން ބޭނުންވަނީ އަމަލީ ސިފަ
2016 ވަނަ އަހަރު އޭރު ގާދޫގައި އުޅެމުން ދިޔަ މީހުން ރަށުން ބާލުވާ, ފޮނަދޫގައި ވަޒަން ކުރުވިއިރު ވެސް ދެކެވެމުން ދިޔައީ އެ ވާހަކައެވެ. އެއީ އެރަށުގައި އިންޓަރނޭޝަނަލް ބޮޑު ޕޯޓެއް އަޅާ ވާހަކައެވެ. ރަށް ޗައިނާއަށް ވިއްކާލައިގެން އެތަނުގައި ބޮޑު މެރިން ޓައިމް ހަބެއް އަޅާ ވާހަކަ ވެސް ދެކެވުނެވެ. އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާ ކެންޕެއިނެއް ވެސް ކުރިޔަށް ދިޔައެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން އަބްދުލްޤައްޔޫމެވެ. ރައީސް ޔާމީންގެ ވެރިކަން ނިމިނުއިރު އެކަން އޮތީ ނުވެއެވެ. އާހިރުގައިވީ ދެއްކި ވާހަކައެއް ގޮތުގައެވެ.
އޭގެ ފަހުން ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން ލާމު މީހުންނަށް ވިއްކެވީ ހަމަ އެ ޕޯޓެވެ. ފަސް އަހަރުގެ ދައުރެއް ނިންމާލިއިރު, ދެ ޖަލްސާއެއްގައި އެ ވާހަކަ ދެއްކުމުގެ އިތުރަށް ކުރެވުނު ކަމެއް ނެތެވެ. އެ ރަށް އޮތީ ދަނޑު ހައްދަން ސަރުކާރުގެ ކުންފުންޏަކަށް ދޫކޮށްލާފައެވެ. ދެވަނަ ދައުރަކަށް ކުރިމަތި ލައްވައިގެން އުޅުއްވިއިރު ވިއްކެވީ ހަމަ އެ ވާހަކައެވެ.
ހަމައެއް ވައުދެއް ދެ ފަހަރު ވެ ވަޑައިގަތުމުން އެ ދުވަހު އަހަރެން ރައީސް ޞާލިޙާ ސުވާލު ކުރީމެވެ. އެ ވީޑިއޯކޮޅު ތިރިއަށް ދޫކޮށްލާނަމެވެ. ރައީސް ޞާލިޙަށް ގޯސްވީ ކޮވިޑެވެ. ވިދާޅުވީ ޕޯޓް ނޭޅުވީ ކޮވިޑާ ހެދި ކަމަށެވެ.
އޭގެ ފަހުން ކެންޕެއިންގައި ފޮނަދުއަށް ވަޑައިގެން ޑރ. މުޢިއްޒު ވެސް ހަމަ އެއްކަލަ ވައުދު ވަނީ ވެ ވަޑައިގެންފައެވެ. އެކަމަކު އަޅުގަނޑު ހިމެނޭ ގޮތަށް އެޖަލްސާއަށް ދިޔަ ގިނަ މީހުންނަށް އެ ވާހަކަތަކަށް މާ ބޮޑު ވާހަކައަކަށް ނުވިއެވެ. އެންމެ ކުޑަ މިނުން އެ ވާހަކައަށް ހެޑްލައިނެއް ހަދާލާނެ ނޫސްވެރިއެއް ވެސް ނުވިއެވެ. އެއީ ހުރިހާ ވެރިން ވިއްކަމުން ދިޔަ ވާހަކަ ފޮލާއަކަށް ވީމެއެވެ.
ވަން އެންޑް ހާފު ޑިގްރީ ޗެނަލް; ބަދަލުވަމުންދާ ދުނިޔޭގައި މުހިންމު ސަރަހައްދެއް
ދިވެހިރާއްޖެއަކީ ދެ ނަސީބެއް ލިބިފައިވާ ޤައުމެވެ. އެއީ ރާއްޖޭގެ ރީތިކަމާއި ރާއްޖެ އޮންނަ ސަރަހައްދެވެ. ރާއްޖޭގެ ރީތިކަން ވިއްކައިގެން ބޮޑު އާމްދަނީ އަޅުގަނޑުމެން ހޯދަމުން ދިޔަ ނަމަވެސް, ރާއްޖެ މި އޮންނަ ސްޓްރެޓެޖިކް ލޮކޭޝަނާއެކު ހުޅުވާލެވޭ ބޮޑު ޝިޕިން ރޫޓަކީ ދިވެހި ސަރުކާރުން ޓެޕް ނުކޮށް އޮތް މާކެޓެކެވެ. މަލްޓި މިލިޔަން ޑޮލަރުގެ މުދާ ހިފައިގެން ކޮޮންމެ ދުވަހަކު މި ރޫޓުން އެތައް މުދާ އުފުލާ އާގު ބޯޓެއް ދަތުރުކުރެއެވެ. މިއިން ބޯޓެއް ރާއްޖެއަށް ބަނދަރުކޮށް, ޓްރާންޝިޕް ކުރާނަމަ އެއީ ސަރަހައްދީ އަދި ރާއްޖޭގެ އިޤްތިޞާދަށް ވެސް އިތުރުވެގެންދާނެ މުހިންމު ބޮޅެކެވެ.
ބަދަލުވަމުންދާ ދުނިޔޭގެ ހާލަތަށް ބަލައިރު ވަން އެންޑް ހާފް ޑިގްރީ ޗެނަލްއަކީ ޝިޕިންއަށް މުހިންމު ރޫޓެކެވެ. އީރާން އާ ދިމާލުން ރަތް ކަނޑުގައި ހޫތީން ދެމުންދާ ހަމަލާތަކާ ގުޅިގެން ޝިޕިން އޯޑަރަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ވަގުތުގެ ބޭނުން ހިފިއްޖެނަމަ މިއީ ރާއްޖޭގެ އިޤްތިޞާދުު ޑަބަލްކޮށްލަން ލިބޭނެ މުހިންމު ފުރުސަތެކެވެ.
ހައްދުންމަތީގައި މަލަމަތި ބަދަލުކޮށްލާނެ
ގާދޫގައި ހެދުމަށް ހުރިހާ ވެރިން ވެސް ވައުދުވަމުން އަންނަ ޕޯޓްގެ ވާހަކަ ލިޔުމަށް ތިރިކޮށްލަދިނީ ރައީސް ޑރ. މުޢިއްޒެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ފޮނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އޮތް ޖަލްސާގައި މުހިންމު ދެ މަޝްރޫއެއްގައި ސޮއި ކުރެވުނެވެ. އެއީ ލާމު "މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށާއި, ލާމު ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓެޑަށެވެ.
ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ޙާއްސަ ސަރަހައްދެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ގާދޫއާއި ފޮނަދޫ އާއި އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. ސުޕަރ ޔޮޓް މެރީނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޔޮޓްތައް ޕާރކްކުރެވޭގޮތަށް ފަރުމާކުރެވޭނެ ޚާއްސަ ސަރަހައްދެކެވެ. އަދި ހަމައެހެންމެ އޮފްޝޯރ ބަންކަރިންގްގެ ޚިދުމަތުގެ އިތުރުން ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ނިންމާފައެވެ.
ފޮނަދޫގައި ހުންނަވާ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ވަނީ "ދެން"އަށް މައުލޫމާތު ދެއްވާފައެވެ. ވީޑިއޯ ދޫކޮށްލާނަމެވެ.