ކެމްޕެއިނުގައި ވަޒީފާގެ ބިރު ދައްކާ ކަހަލަ ވާހަކަ ދެއްކުމުން އެމްޑީޕީން ކުށްވެރިކޮށްފި
ކެމްޕޭނު ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރުކުރުވާ ގޮތުން ވާހަކަ ދެއްކި މައްސަލަ އެއް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ރޭ ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ބުނީ، ޅ.ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށެވެ. އަދި އެއްބާރުލުން ނުދީފިނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
އެ ވީޑިއޯއާ ގުޅިގެން 'އެކްސް' ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފުއާދު އެދިވަޑައިގެންފައިވެއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
''އެއީ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ދައްކާފައިވާ ވާހަކައެއްކަމުން މި ކަން އީސީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލަމެވެ... ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ'' އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ދަނީ މަޖިލީސް ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގައި ނަހަމަ ގޮތުގައި ބޭނުންކުރަމުން ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ އެކަމުންވެސް އެނގިގެން ދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ކަމަށެވެ. އަދި ފަޅާއަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމެއްގެ ގޮތުގައި ތުހުމަތު ކުރިއެވެ.
އެހެންވެ ގާތްގަނޑަކަށް ފަންސާސް ހާސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީން، ސަރުކާރަށް ގޮވާލީ ރައްޔިތުންގެ ވޯޓު ހޯދުމަށް އެ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި އަދި އީސީން އެކަން ވީހާވެސް އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށެވެ.
އެމްޑީޕީއަކީ މީހުންގެ ވހަކަ ދެއްކޭނެ ބައެއްނޫން އެއަށްވުރެ ދިޔައިތަކެއްޗަށް ގޮސް ހސްވެފަ އަސްލަމްކޮއްޔާހުރީ