ޚަބަރު

އިދިކޮޅުން އުޅެނީ ގާނޫނީ ސަރުކާރު ވައްޓާލަން، ޖަވާބުދާރީ ކުރާކަށް ނޫން: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު؛ ވިދާޅުވީ އިދިކޮޅުން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށް

އިދިކޮޅު ފަރާތްތަކުން އުޅެނީ ޖަވާބުދާރީ ކުރުވުމުގެ ބަަދަލުގައި ގާނޫނީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އޮތުރު ދާއިރާއަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންތިހާބު ގާތްވާ ވަރަކަށް ހަމަނުޖެހުންތަކުގެ ތެރެއިން ސަރުކާރު ބަދަލުކުރަން އިދިކޮޅުން ގޮވާލަމުންދާ ކަމަށެވެ.

ސަރުކާރެއް އަނެއްކާވެސް، އެކި ކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި އަޒުލުކުރުމާއި މި ކަހަލަ ކަންކަން ކުރުމުގެ ވާހަކަ އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވެގެން ފާޅުގައި ވިދާޅުވާން ފެށީ ނޫންތޯ

ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅުން މީގެ ކުރިން ބުނަމުން އައީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ނަމަވެސް އިދިކޮޅުން ''ޖަވާބުދާރީ'' ލަފްޒު ބޭނުންކުރަނީ ''ސަރުކާރު ވައްޓާލުން'' ގެ ގޮތުގައި ކަމަށެވެ. ރައީސް ދެއްވި ޔަގީންކަމަކީ މި ފަސް އަހަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމެވެ.

އިދިކޮޅުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ރައީސް ތުހުމަތު ކުރައްވާފައިވާއިރު، ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއީ ވެރިކަމުގައި ބައިތިއްބަން ހެޔޮވާވަރުގެ ބައެއް ނޫން ކަމަށް ސިފަކޮށް, ވެރިކަން ވައްޓާލަން ޖެހޭ ފަދަ އިޝާރާތެއް ދެއްވާފައެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ ރައްޔިތުންނަށް މިފަދަ ދުއްތުރާލާއި ތުރާ ދޭން ބޭނުންވާ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށެވެ. އަދި ނުސީދާކޮށް ސޯލިހު ގޮވާލެއްވީ މި ވެރިކަން ވައްޓާލުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ޑރ މުހައްމަދު ޖަމީލުވެސް ގެންދަވަނީ ރައީސް މުއިއްޒު އަޒުލުކުރަން މަޖުބޫރުވެއްޖެ ކަމަށް ވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!