ޚަބަރު

އެފްޑީސީ ފްލެޓްތައް ނިންމަން އިތުރު 454 މިލިއަން ރުފިޔާ ބޭނުންވޭ: ހަމްދާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ފަހި ދިރިއުޅުން ފްލެޓުގެ މަޝްރޫއުގެ ސްކޯޕްގައި މުހިއްމު ބައިތައް ހިމަނާފައިނުވާތީ އެ ކަންކަން ފުރިހަމަކުރަން އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ އެ މަޝްރޫއުގެ ތެރޭގައިި ސްކޯޕްގައި ގިނަ ކަންތައްތައްތަކެއް އޮތީ ނުހިމަނާ ކަމަށެވެ.

އޭގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް، ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑް ސްކޭޕިންގގެ މަސައްކަތްތައް ފަދަ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިދިޔަ ވެރިކަމުގައި ނުކޮށް ހުރި މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި މި މަސައްކަތްތަކަށް ފައިނޭންސިން ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން 32 ހައުސިން ޓަވަރު އަންނަނީ އަޅަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 4000 ހައުސިން ޔުނިޓު ތަރައްގީ ކުރާއިރު، އެ ޔުނިޓުތައް ހަވާލުކުރާނީ ކޮންމެހެން ބޭނުންވާ، ޒަރޫރީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ފަހުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެ ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އަކީ ވިޔަފާރިތަކަށް ހުޅުވައިލާ ތަންތަނެވެ.

Ads by Ooredoo
  1. ޢަލީބެ

    ތިތާގަ ހަދާ މިސްކިތްތަކުގެ އަގުވެސް ފުލެޓުތަކަށް އެޑްކޮށްލަންވާނެ .