ޚަބަރު ސަރުކާރު

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އިބްރާހީމް ޙިލްމީ އައްޔަންކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަންކުރައްވައިފިއެވެ.

Ads by STELCO

ޙިލްމީ އެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ސިފައިންގެ ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ޙިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ޢައްޔަންކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!