ހައި ކޯޓުގެ ހުކުމްގައިވާ ގޮތުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ހޯދުން ކަމަށްވާއިރު ރަށްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައެއް ނުވެއެވެ. ހުކުމްގައި ބުނެފައިވާ ގޮތުން ޔާމީނަށް ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރަކީ  ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއްކަން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި  ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް އަލުން ބަލަން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެއެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.