ޚަބަރު

އަލް ބްރުޖު ގްރޫޕުން އުމްރާއަށް ދިޔަ 39 މީހުން ސައުދީގައި ތާށިވެއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އަލްބުރޫޖް ގްރޫޕުން އުމްރާއަށް ދިޔަ ދިވެހިންތަކެއް - ފޮޓޯ: އަލްބުރޫޖް

އަލްބުރޫޖް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 39 ދިވެހިންނަށް އަނބުރާ ރާއްޖެ ނާދެވި، ސައުދީ އަރަބިއާގައި ތާށިވެއްޖެއެވެ.

Ads by MWSC

އެ ގްރޫޕުގެ މެނޭޖިންގް ޑިރެކްޓާ އަދުނާން ސައީދު "ދެން" އަށް ވިދާޅުވީ، އުމްރާވެރިން ސައުދީގައި ތާށިވީ، ޓްރެފިކް ބާރު ބޮޑުވެ، އެއާޕޯޓަށްދާން ރިޒަވޭޝަން ހެދި އެޖެންޓް ބަސް މީހުން ބަލާދާން ލަސްވެގެން  ކަމަށެވެ. ބަސް ލަހުން އައުމުގެ ސަބަބުން އުމްރާވެރިންނަށް އެއާޕޯޓަށް ދެވުނީ ޗެކްއިން ކައުންޓާ ބަންދުކުރި ވަގުތަށް ކަމަށާއި، އެހެންކަމުން އެމީހުން ޗެކްއިން ކޮށްދީފައިނުވާ ކަމަށް އަދުނާން ވިދާޅުވިއެވެ.

"އެޖެންޓް ބަސް ލަހުން އައުމުގެ ސަބަބުން ލަސް ވީ. ޓްރެފިކް ވެސް ބާރު ބޮޑުވީ. އެއާޕޯޓަށް ދެވުނީ ހަމަ ސީދާ ކައުންޓަރ ބަންދުވާ ގަޑިޔަށް. ދެން ހަމަ އެއްގޮތަކަށް ޗެކްއިން ނުކޮށްދިން،" އަދުނާން ވިދާޅުވިއެވެ.

ޗެކްއިން ނުވެވި ރާއްޖެ އަންނަން ނުފުރުމުން، ވަގުތުން ސައުދިއްޔާއަށް ގުޅައި، ޓިކެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ވަނީ އެންމެންގެ ޓިކެޓް ވެސް މި މަހުގެ 26 ވަނަ ދުވަހަށް ބަދަލުކޮށްފައި ކަމަށް އަދުނާން ވިދާޅުވިއެވެ.

"ޓިކެޓް ޗޭންޖް ކުރީ 39 މީހުންގެ ވެސް. ޕޭ ކޮށްފަ، ޓިކެޓް ކޮންފާމް ކޮށްފަ އޮންނާނީ،" އަދުނާން ވިދާޅުވީ، އުމްރާވެރިން ފުރުމުގެ އިންތިޒާމް އަންނަ ހުކުރު ދުވަހަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އުމްރާވެރިން އިތުރު ހަފްތާއެއް ވަންދެން ސައުދީގައި މަޑުކުރަން ޖެހުމުން އެ ގްރޫޕުގެ ފަރާތުން ހުރުމާއި ކެއުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!