ޚަބަރު އިޖުތިމާޢީ

ހޯރަފުށީގެ މަގުތައް ތަރައްގީކުރުން: ދެވަނަ ފޭސްގެ އަމަލީ މަސައްކަތް ފަށައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތް ފައްޓަަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ.

މި މަޝްރޫއުއާއި ގުޅިގެން މައުލޫމާތު ހިއްސާކުރައްވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ، މިއީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން 3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާ ނިމިގެން ދާނެ ކަމަށާއި، އެ މަސައްކަތް ނިމުމުން ފުރަތަމަ ފިޔަވަހީގެ މަސައްކަތާއި އެއްފެންވަރަށް މަސައްކަތް ކުރެވިފައިހުންނާނެ ކަމަށެވެ.

"ގާތްގަނޑަކަށް 3 ކިލޯމީޓަރުގެ ސަރަހައްދެއް ފޭސް 2 ގައި އަސްލުގައި މި ނިމިގެންދަނީ.  މިއީ 25 މިލިއަން ރުފިޔާގެ މަޝްރޫއުއެއް. ފުރަތަމަ ފިޔަވައްސާއި އެއް ފެންވަރެއްގައި މި މަސައްކަތް ގެންދާނީ. ދެ ފޭސްގެ މަސައްކަތް ނިމުނީމަ ބޮޑު ލުޔެއް ލިބޭނެ،"

މި މަޝްރޫއުގެ އިތުރު ތަފްސީލް މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!