އިންތިހާބުގެ ވަގުތު ދެކުނަށް ވިއްސާރަވެދާނެ

މާދަމާ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓު) އިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން ''ދެން' އަށް މައުލޫމާތު ދެމުން ބުނީ ލަފާކުރެވޭ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށް މަޑު ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ސަރަހައްދަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު މިއަދުވެސް މެޓުން ވަނީ ރާއްޖޭގެ އެކި ސަރަހައްދަށް ހުދު ސަމާލު ނެރެފައިއެވެ.
އެގޮތުން މިއަދުގެ 10:15 އިން 14:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފައިވެއެވެ.
މާދަމާ އަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހެވެ. މީގެ ކުރިން ހެނދުނު އަށަކުން ހަވީރު ހަަތަރަކަށް ވޯޓުލާ ގޮތަށް އޮތް އޮތުން ބަދަލުކުރީ މޫސުމަށް ބަލައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. 20 ވަނަ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު އަށަކުން ހަވީރު 5:30 އަށެވެ.