ޚަބަރު

މަދު މަސްތަކެއް ތެރޭ ގިނަ ކަންތައް ކޮށްދެވިއްޖެ، ދިވެހީންގެ ރާއްޖެއަށް ދަމާ: ޕީއެންސީ

އަލީ ސަމާޙް ، ދެން އޮންލައިން
ޕީއެންސީ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ހީނާ ވަލީދު

މި ސަރުކާރަށް މިވީ ފަސް މަސް ތެރޭގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށާއި، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް ޕީއެންސީ/ޕީޕީއެމް އިން މިއަދު އެދިއްޖެއެވެ.

Ads by STELCO

މަޖިލީސް އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މިއަދާ ހަމަޔަށް ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރައްވަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ.

އެއަށް ފަހު އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާ ހީނާ ވިދާޅުވެ ދެއްވީ ރައީސް މުއިއްޒު ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަދި ކޮށްދެއްވާފައިވާ ބައެއް މުހިއްމު ކަންތައްތަކުގެ ލިސްޓެކެވެ.

  1. ހިޔާ ފްލެޓާ ވިނަރެސް ފްލެޓުގެ ކުލި ކުޑަކުރުން، ވިނަރެސް ފްލެޓުގެ ޑައުން ޕޭމެންޓް 50 ޕަސެންޓަށް ކުޑަކުރުން
  2. އަތޮޅުތަކުގެ ހައުސިން ޔުނިޓްގެ ކުލި ކުޑަކުރުން
  3. ރޯދަ މަހު ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް
  4. އިގްތިސާދީ ސަރަހަައްދު ޑްރޯން ބޭނުންކޮށްގެން ދިވެހި ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ބަލަހައްޓަން ފެށުން
  5. ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ބޮޑު ބައެއް ފޮނުވާލުން (މޭ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލާނެ)
  6. މަސްވެރިންނަށް ނުދެވި އޮތް ފައިސާ އެއްކޮށް ދައްކާ ހަލާސްކުރުން
  7. ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުން

އެއަށް ފަހު ހީނާ ވިދާޅުވެ ދެއްވި ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަންކަން އޮތް ގޮތެވެ. ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަން އޮތީ އިންތިހާ އަށް ކަމަށެވެ. އިގްތިސޯދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށާއި، ވެރިކަމުން ފައިބައިގެން ދިޔައީ ރާއްޖެ ދަރަނިވެރި ކޮށްލާފައި ކަމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށްދީގެން ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، ކުރެވުނުހާވެސް ކަމަކީ ގާނޫނުތަކުގައި ތަޅު އަޅުވައިގެން ފައިސާ ޗާޕުކުރުން ކަމަށް ހިނާ ވިދާޅުވިއެވެ. އެއަށް ފަހު ހިނާ ރައްޔިތުން ގާތުން އެދުނީ މާދަމާގެ ވޯޓާ މެދު ވިސްނުމަށެވެ.

''މި ފަދަ ކަންތައްތަކަށް ތިބޭފުޅުން ވިސްނަމާ ނިކަން ރަނގަޅަށް ސިކުނޑި ހުޅުވާލެއްވުމަކީ މާދަމާގެ މި ވޯޓު، ދިވެހީންގެ ރާއްޖެއަށް ދިޔުމަށްޓަކައި ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ބޭނުން'' ހިނާ ވިދާޅުވިއެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ މުހިއްމު ވަނީ ދިވެހިންނަށް ބޭނުންވާ ތަރައްގީ ރާއްޖެ ގެނައުމަށާއި، އޯގާވެރި އަދި އިސްލާމި ރާއްޖެ އެއް ގެނައުމަށްޓަކައި ކަމަށް ހީނާ ވިދާޅުވިއެވެ.

  1. ގޮދާ ހަސަނު

    މަދު މަސްކޮޅެއްގެ ތެރޭގައި ކިހާގިނަ ކަންތަކެއް ކޮއްދެވިގެންބާ “ހީނާ ވަލީދު” މި ކަލަގޮވަނީ.