ޚަބަރު ސިޔާސީ

ޑިމޮކްރެޓުން ބަލިވުމުން ބޮންޑޭގެ ރުޅިގަނޑު ރައްޔިތުންނަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓުން ހޯދި ނާކާމިޔާބީއާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހޫނު ރައްދުތަކެއް ދީފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެދުކަނޑާލުމަށް ފަހު މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ އަމާނާތާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތިން ދައުރުގައި ވެސް އަމާނާތަށް ވަފާތެރިވެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އޭނާގެ މޫނުމަތީވެސް ޖެހީ ތަފާއްޔަކުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އަދި ފުރަތަމަ ބަދަލުވާންވީ އެމްޑީޕީ ލީޑާޝިޕް ކަމަށާއި މިހާރު އެމްޑީޕީ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ފަރާތްތަކުންއިސްތިއުފާ ދޭން ޖެހޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ޕާޓީއެކޭ ކިޔައިގެން ގޭންގެއް އޮޕަރޭޓްކުރާގޮތަށް އޮޕަރޭޓްކުރިމާ ވީ ގޮތް މިއީ، ދުޅަ ހެޔޮ ކަމެއް އަންނަން ޖެހޭ ތިމާމެންގެ ސިކުނޑިއަށް، ބުއްދިއަށް، ބުއްދި ހަރާބުވެ ވިސްނުން ހަރާބުވެ ތިމާމެންގެ އަމިއްލަ ބާރުތަކަށް ދަހިވެތި ވީމާ ދެން ވާނެ ގޮތް މިވީ" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކުރިޔަށް އޮތީ ފާރަވެރި މަޖިލީހެއް އުފައްދައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ދުވަސްތަކެއް ކަމަށާއި އެކަމަކު އެ މަސައްކަތް ކުރުމުގެ ނިޔަތުގައި މަޖިލީހަށް ވާދަކުރި މެމްބަރުންގެ އެއްވެސް އަގެއް ނެތި އިސް ކުރީ ފައިސާކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މާމިގިލި ދާއިރާގެ ގޮނޑި ދިފާއު ކުރިކަމަށެވެ.

"އެކަމަށްޓަކައި ޝުކުރު އަދާކުރަން މާމިގިލި ރައްޔިތުންނަށް. އެއީ ހުރިހާ އެންމެން ރިސޯޓަށް ގެންގޮސް ގެންގޮއްސަ ރިސޯޓަށް ގެންގޮސް ކާންދިނީ ވިއްޔަ.ބަރާބަރު. ވަރަށް ސަޅި. އެއޮތީ ހޮވާފައި" ބޮންޑެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރިއިރު، އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއަށް ވެސް އިންތިހާބުގައި އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!