ޚަބަރު

ކައުންސިލުތަކުގެ ކަންބޮޑުވުންތައް ރައީސް އައްސަވާ، ސިޔާސަތުތައް ބަދަލުކުރައްވާ: މިނިސްޓަރު

އައިކާ ޔުނާން ، ދެން އޮންލައިން
މިނިސްޓަރު ޝަރީފް، ފަނޯއްލާ ދަރުބާރުގައި

ލޯކަލް ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބައްލަވައި، އެ ކަންބޮޑުވުންތަކުގެ އަޑު އައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވާ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަޒީރު މިފަދައިން ވިދާޅުވީ އެލް.ޖީ.އޭއާއި ޔޫއެންޑީޕީ ގުޅިގެން މި މަހުގެ 24 އިން 25 އަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ މަހާސިންތާ ފަނޯއްލަ ދަރުބާރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް މިވީ ހަތަރު މަސްތެރޭގައި 170 އަށް ވުރެ ގިނަ ކައުންސިލަކާ ރައީސް ބައްދަލުކުރައްވައި، ކައުންސިލަށް ދިމާވެފައިވާ ކަންކަން ބައްލަވާލައިފައިވާ ކަމަށެވެ.

އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެއްވުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި ކަންކަން ކުރެއްވުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާކަން އެއީ މި ނިޒާމް މި ފަސް އަހަރުތެރޭ އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރުގައި ކައުންސިލްތައް ބާރުވެރިކުރުމާއި، ހިންގުމުގައި މިއަދު ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމުގައި ކައުންސިލަރުންގެ މަޝްވަރާ އާއިއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރުގައި ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ ކައުންސިލަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ބައެއް ކައުންސިލަރުން  ބައިވެރިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!