ޓެރިފަކާއި ނުލައި ދިވެހި އުފެއްދުންތައް ތުރުކީއަށް އެތެރެކުރަން މަޝްވަރާކުރާނީ

ޓެރިފަކާއި ނުލައި ދިވެހި އުފެއްދުންތައް ތުރުކީއަށް އެތެރެކުރަން ރާއްޖެ އާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މަޝްވަރާގެ ދެވަނަ ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދަނީ ތުރުކީ ސަރުކާރާ ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ކަމަށެވެ.
އެ އެއްބަސްވުން އެކުލަވާލުމުން ޓެރިފަކާއި ނުލައި ދިވެހިން އުފެއްދުންތައް ތުރުކުރީއަށް އެތެރެކުރެވޭނެ ކަމަށްވެސް ސައީދު 'އެކްސް' ގައި ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ވަނީ އުފެދިފައެވެ.
އެ ގައުމަށް ކުރެއްވި ދަތުރުުފުޅަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް ވިިދާޅުވީ، ތުރުކީއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މިއަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމުގައެވެ.
އަދި ތުރުކީގައި ބޭއްވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިން، ރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ރާއްޖެއަށް ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.