ޚަބަރު

ފުށިދިއްގަރުފަޅުގެ މަޝްރޫއު ކުރިޔަށް އެބަދޭ، ތާރީހަށް ނިންމޭނެ: ސަރުކާރު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމަކަށް ނާންނަ ކަމަށާއި ކަނޑައެޅިފައިވާ ތާރީހަށް ނިންމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ހިއްކުމުގެ މަސައްކަތް ކުރިޔަށް ނުދިޔަ ނަމަވެސް އެ މަޝްރޫޢާގުޅޭ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. ރައީސް ވިދާޅުވި ތާރީޚަށް މަޝްރޫޢު ނިންމޭނެ ކަމުގެ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.

"ފުށިދިއްގަރުފަޅު މަޝްރޫޢު ނުހުއްޓޭ. ތިބޭފުޅުންނަށް ހިއްކުމުގެ މަސައްކަތް ނުފެނުނަމަވެސް އެމަޝްރޫޢާގުޅޭ މަސައްކަތްތައް އެބަކުރިއަށްދޭ. ރައީސް ވިދާޅުވި ތާރީޚަށް މަޝްރޫޢު ކުރިއަށްދާނެ." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަން ޖެހޭ މަސައްކަތައްް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އީއައިއޭ އާއި، ޑިޒައިންކުރުމާއި އެނޫންވެސް ކަންތައްތައް ހިމެނޭ ކަމަށެވެ.

ފުށިދިއްގަރުގެ އިތުރުން މި ސަރުކާރުން ހަލުވި ސްޕީޑުގައި ތަރައްޤީ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކުރަންޖެހޭ އެހެން މަޝްރޫއުތަކުގެ މަސައްކަތްތައް ކުރައްވަމުންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެޗްޑީސީން އެކަން ދޮގުކޮށް ބުނެފައިވަނީ މަޝްރޫއުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ހައުސިން ޔުނިޓް ރަސްމާލޭގައި ތަރައްގީކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!